ސިޔާސީ

ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުބާޙްގެ ތަސައްވުރު: އިސްކަންދެއްވަނީ ރައްޔިތުންގެ ބައިވެރިވުމަށް

ލޯމާ އޮންލައިން
423 ކިޔާފައި
0
މުބާހު މުޙައްމަދު - ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް
މުބާހު މުޙައްމަދު - ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު މުބާޙް މުހައްމަދު، ރަށުގެ ތަރައްގީއަށްޓަކައި ގެންގުޅުއްވާ ހާއްސަ ތަސައްވުރު ހާމަކުރައްވައިފިއެވެ. މުބާޙް ވިދާޅުވީ އޭނާގެ އަމާޒަކީ ރަށުގެ ކުރިމަގާ މެދު ފުރިހަމަ ވިސްނުމަކާއެކު މަސައްކަތް ކުރެއްވުން ކަމަށެވެ.

މުބާޙް ފާހަގަކުރެއްވި ގޮތުގައި އޭނާއަށް މަގާމަށް އާދެވިއްޖެނަމަ، މިހާރު އެކުލަވާލެވިފައިވާ ތަސައްވުރު ފައިނަލް ކުރާނީ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށް ފަހުގައެވެ . ކައުންސިލްގެ ހިންގުމުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ މުބާޙްގެ އެންމެ ބޮޑު އެއް ވިސްނުމެވެ. "އަޅުގަނޑުގެ އަމާޒަކީ ހިރިލަންދޫ ރަށެއްގެ ގޮތުގައި ފާހުގަކޮށްލެވޭ ރަށަކަށް ހެދުން، ކައުންސިލުން ހިނގާނީ ރައްޔިތުންގެ ލަފާޔާ މަޝްވަރާގެ ތެރެއިން" މުބާހް ވިދާޅުވިއެވެ.


ހިރިލަންދޫ ކައުންސިލް އިންތިޚާބު: ރަށުގެ ތަރައްޤީގެ ތަސައްވުރު

އިސްލާމީ ވަހުދަތާއި، އަޚުލާޤު އަދި ތަރިކަ

އަމާޒު: އިސްލާމީ ވަހުދަތު ހިމާޔަތްކޮށް، އަޚުލާޤީ ގޮތުން ނަމޫނާ އަދި އަމިއްލަ ތާރީޚަށް ލޯބިކުރާ ޖީލެއް ބިނާކުރުން

  1. ދީނީ ހޭލުންތެރިކަން: ރަށުގައި ދީނީ ރޫޙު އާލާކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރަށުގެ އިޖްތިމާއީ މައްސަލަތަކާސް ހާއްސަކޮށްގެން ދީނީ ދަރުސްތައް ބޭއްވުމަށް އިސްކަންދިނުން.

  2. ބަނދަރުމަތީ މިސްކިތް: މަސްވެރިންނާއި ދަތުރުވެރިންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކުރުން.

  3. އަޚުލާޤީ މުޖުތަމަޢު: އަރަމުން އަންނަ ޖީލުގެ އަދަބު އަޚުލާޤު ރަނގަޅުކުރުމަށް ކައުންސިލް، ސްކޫލް، ފުލުހުން އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ދަރިވަރުންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުން.

  4. އާސާރީ ތަންތަން: ރަށުގެ ތާރީޚީ އަދި އާސާރީ ތަންތަން ދެނެގަނެ، އެތަންތަން އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް ބެލެހެއްޓުން.


އިޤްތިޞާދީ ފުދުންތެރިކަމާއި ސިނާއީ ކުރިއެރުން

އަމާޒު: ރަށުގެ އިޤްތިޞާދު ފުޅާކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުން.

މަސްވެރިކަމުގެ ނަފާ އިތުރުކުރުން: މަސްވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ، އައިސް ލިބުން ފަދަ ދިމާވާ ދަތިތަށް މޮނިޓަރ ކޮށް އެ ކަންކަން ހައްލުކުރުމަށް ކައުންސިލުން ބާރުއެޅުން. އަދި މަސް ކިރުމާއި އުފުލުން ފަސޭހަކުރުމަށް ކެރޭނު ބެހެއްޓުމުގެ ފީސިބިލިޓީ ހެދުމާ އެކު މަސްކައްކާ ފަރާތްތަކަށް ދަތިވާ ދަތިތައް ބަލައި އެ ކަންކަން ހައްލުކުރުމަށް މަސްވެރިން އަދި މަސްކަކައްކާ ފަރާތްތަކާއި ގާތުން މަސައްކަތް ކުރުން.

ސިނާއީ މަސައްކަތްތައް: ފައިބަރު މަސައްކަތް، އަދި އެހެނިހެން ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް، އަދި ފަށަން ބޭނުންވާ ފަރާތްތަކަށް ހުރި ދަތިތައް ދެނެގަނެ، އަދުލުވެރިކަމާއެކު މި ސިނާއަތުތައް ކުރިއެރުވުމަށް ކައުންސިލުން މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް "އިންކިއުބޭޓަރ" ފުރުޞަތު: ރަށުގެ އިގްތިސާދު ދިރުވުމަށް ރަށުގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް، އަދި ރަށުގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރާ ފަރާތްތަކަށް (ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް) ކުޑަ ކުއްޔެއްގައި މަސައްކަތްކުރާނެ ހިތްގައިމު މާހައުލެއްގައި "ޝެއަރޑް އޮފީސް" ޖާގައެއް ނުވަތަ ވާކްސްޓޭޝަން ތަކެއް ބިނާކުރުން، އަދި އިންވެގެން ކެފޭއެއް އަމިއްލަ ފަރާތެއް މެދުވެރިކޮށް ހިންގުން.

މެހުމާނުންގެ ނަފާ އަދި މުނިފޫހިފިލުވުން: ރަށަށް ޒިޔާރަތް ކުރާ މެހުމާނުން، އަދި ރައްޔިތުން ހިތްހަމަޖެއްސުމަށް "ކޮރަލް ގާޑަން" އެއް ހިމެނޭހެން "އަންޑަވޯޓަރ ޕާކް" އެއް ހެދުން، ވޯޓަރ ސްޕޯޓްސް އާއި ޑައިވިންގ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން.

ބިދޭސީންގެ މައްސަލަ: ރަށުގައި އުޅޭ ބިދޭސީންގެ ކަންކަން ގަވާއިދުގެ ތެރެއިން ހަރުދަނާ ނިޒާމަކަށް ފެއްތުމާއި، އުސޫލުން ބޭރުން ބިދޭސީން މަސައްކަތްކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުން. އަދި ބިދޭސީންގެ ބާރުގެ ދަށުގައި ހުރި މަސައްކަތްތައް ރަށުގެ މަސައްކަތްތެރިންނާއި ޒުވާނުންނަށް އަނބުރައި ހޯދައިދީ އެކަންކަމުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުން.

ބައިވެރިވުމާއެކު އިގްތިސާދު ފުޅާކުރުން: ރަށުގެ އިގްތިސާދު ކުރިއަރުވައި، އައު ފުރުސަތުތައް ފަހިކުރުމަށްޓަކައި ރަށުގެ ފަންނުވެރިންނާއި ޒުވާނުންގެ ލަފަޔާއި އިރުޝާދު ހޯދުން. މިގޮތުން، އިގްތިސާދީ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، އެ ފަރާތްތަކުގެ އައު ޚިޔާލުތަކަށް ބިނާކޮށް ރަށުގެ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ކައުންސިލުން ތަރުތީބުކޮށް ތަންފީޒުކުރުން.


އުމްރާނީ ތަރައްޤީ އާއި ޒަމާނީ ވަސީލަތްތައް

އަމާޒު: ރަށުގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތްތައް ފަސޭހަކުރުން.

ބިން ބޭނުންކުރުމުގެ ޕްލޭން: ރަށުގެ ބިމުގެ ޕްލޭން ރައްޔިތުންގެ މަސްލަހަތު ހިމެނޭގޮތަށް ރައްޔިތުންގެ މަޝްވަރާއާ އެކު އިގްތިސާދީ މަސައްކަތްތަކަށް ފުރުސަތު ފަހިވާނެފަދަ ގޮތަކަށް އެކުލަވާލުން.

ބޯހިޔާވަހިކަން: ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އެކަން ހައްލު ކުރުމަށް ކައުންސިލުން ޚާއްސަ އިސްކަމެއްދީ ކައުންސިލުގެ ފެންވަރުގައި އަދި، އިދާރާތަކާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރެވެންހުރި އެއްމެހާ މަސައްކަތް ކުރުން.

މަގު ހެދުމާއި ބަނދަރު: މަގުތައް އެއްވަރުކޮށް ފަސްގަނޑު ހަރުކުރުން. އަދި އަވިންނާއި ވާރެއިން ސަލާމަތްވެތިބެ ލަފައި ފުރޭނެފަދަ ޒަމާނީ ފެރީ ޓާމިނަލެއް ބިނާކުރުމާއި އަދި ވަގުތީ ޑިންގީ ޖެޓީއެއް ހެދުން.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް: ރަށުގެ އުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫޢެއްގައި (މަގު ހެދުމާއި، އިމާރާތްތައް ކުރުމުގައި)ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ "އެކްސެސިބަލް" ގޮތް ހިމެނުމަށް ލާޒިމްކުރުން.

ސާފު ވެށި: ކުނީގެ މައްސަލަ ހައްލުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިތައް ރަށުގައި ހިންގޭ މުހިއްމު ހަރަކާތްތަކުގައި ހިމެހުން. އަދި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކާއި، ސިނާއީ ސަރަހައްދުތަކުގެ ކުނި އުކައިލުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން.

ރައްކާތެރި މާހައުލު: ސިނާއީ މަސައްކަތުގެ ސަބަބުން އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަދި ސިނާއީ މަސައްކަތް ކުރާ ސަރަހައްދަކީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ތަނަކަށް ހެދުން (މިސާލަކަށް: ސިނާއީ މަސައްކަތުގެ ސޭފްޓީ މިންގަނޑުތަކަށް އަމަލުކުރުމަށް ދުރުރާސްތާ ޕްލޭނެއް އެކުލަވައިލުން، އަދި ސިނާއީ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން)


ޒުވާނުންން، އަންހެނުން އަދި އިސްރައްވެހިން ބާރުވެރިކުރުވުން

އަމާޒު: މުޖުތަމަޢުގެ ހުރިހާ ގިންތިއެއްގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަކީ ބާރުވެރި ބަޔަކަށް ހެދުން.

"ޔޫތު ކައުންސިލް" (ދަރިވަރުންނާއި ޒުވާނުންގެ ކައުންސިލް): ކުރިއަށް އޮތް ޖީލުގެ ލީޑަރުން ބިނާކުރުމަށް ރަށުގެ ސްކޫލް ދަރިވަރުންނާއި ޒުވާނުން ހިމެނޭ "ޝެޑޯ ކައުންސިލެއް" އުފައްދައި، ކައުންސިލްގެ ރަސްމީ ބައެއް ބައްދަލުވުންތަކުގައި ލަފާދޭ މެންބަރުންގެ ގޮތުގައި ބައިވެރިކުރުން.

ހުނަރުވެރި ޒުވާނުން: ރަށުގެ ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ގާބިލު ބަޔަކަށް ހެދުމަށްޓަކައި އެކި ދާއިރާތަކުން ހުނަރު ކުރިއެރުވުމުގެ ޕްރޮގްރާމްތައް ހިންގުން. މިގޮތުން، މުއާމަލާތްކުރުމުގެ ހުނަރާއި (Soft Skills)، އޮފީސް މަސައްކަތްތަކާއި، މެނޭޖްމަންޓް ދާއިރާގެ އިތުރުން، ފަންނީ (Technical) އަދި ދިރިއުޅުމުގެ ހުނަރުތަކަށް (Life Skills) އަމާޒުކޮށްގެން އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.

ކުޅިވަރާއި ދުޅަހެޔޮކަން: ދުޅަހެޔޮ، ހަރަކާތްތެރި އަދި ކުށުގެ ވެށިން ދުރުވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ރަށުގެ ޖަމިއްޔާތަކާ ގުޅިގެން ސްޕޯޓްސް އެކަޑަމީއެއް ގާއިމްކޮށް ހިންގުން. މީގެ އިތުރުން ރަށުގައި ބޭއްވޭ "ޒުވާނުންގެ ހަފުތާ" އަކީ ރާއްޖޭގެ ފެންވަރުގެ ކުޅިވަރު ފެސްޓިވަލަކަށް ހަދައި ރަށަށް މީހުން ޒިޔާރަތްކުރާނެ އިވެންޓަކަށް ހަދައި ރަށުގެ އިގްތިސާދަށް މީގެ މަންފާ ހޯދައިދިނުން.

އިސްކަން ދުޅަހެޔޮކަމަށް: ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަ އަށަގެންނެވުމަށް، އަންހެންންނާއި ފިރިހެނުން ވަކިން ބޭނުންކުރެގޮތަށް އިތުރު ޖިމެއް ހެދުން. އަދި ކަސްރަތުކުރުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރަށުގައި ފަތާ ޓްރެކެއް ގާއިމްކުރުން.

ބާރުވެރި އަންހެނުން: އަންހެނުންނަށް އާމްދަނީ ހޯދޭނެ ތަފާތު ފުރުސަތު ފަހިކޮށްދިނުގެ ގޮތުން، އަންހެނުންނަށް ޚާއްޞަކޮށްގެން ފެހުމާއި، ކެއްކުމުގެ އިތުރުން ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން. މީގެ އިތުރުން، މަސައްކަތް ކުރަން ބޭނުންވާ އަންހެނުންނަށް، "ވޯކިންގ ސްޕޭސް" ނުވަތަ ޚާއްޞަ ވިޔަފާރި ކިއޮސްކުތައް ދޫކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފަހި މާހައުލެއް ގާއިމުކޮށްދިނުން.

އަންހެނުންގެ އާމްދަނީ އިތުރުކުރުން: ރަށުގެ އަންހެނުން ކުރާ މަސައްކަތުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން، އެފަރާތްތަކުން އުފައްދާ އުފެއްދުންތައް ރަށުގެތޭގަޔާއި ރަށުން ބޭރުގައި ފަސޭހައިން ވިއްކޭނެ ނިޒާމެއް ގާއިމުކޮށްދިނުން. މިގޮތުން، އަންހެނުންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނަށް ޚާއްސަ ފުޑްކޯޓް އެއް ބިނާކޮށް އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުން.

އިސްރަށްވެހިންގެ އަގުވަޒަންކުރުން: އިސް ރައްވެހިންގެ އަގު ވަޒަންކުރުމުގެ ގޮތުން، ރަށުގެ ތަރައްގީއަށް އިސްރަށްވެހިންގެ ތަޖުރިބާއާއި ލަފާ ހޯދާނެ ދާއިމީ ނިޒާމެއް ގާއިމްކުރުން. އަދި ބަނދަރު ސަރަހައްދުގައި އިސް ރައްވެހިންނަށް ޚާއްޞަ ފިނި މައިޒާނެއް ހެދުން.


އިޖުތިމާޢީ ދުޅަހެޔޮކަމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުން

އަމާޒު: ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ އަދި އަމާން މުޖުތަމަޢެއް ބިނާކުރުން.

ޞިއްޙީ ދާއިރާ: ރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޞިއްޙީ މަރުކަޒަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގައި ކައުންސިލުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެފަދަ ފަރާތްތަކުގެ ޚާއްޞަ ދަފުތަރެއް އެކުލަވާލައި، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުން.

ޚިދުމަތުގެ އިތުބާރު: ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތަކަކީ މެދުނުކެނޑި، އެންމެ އެކަށޭނަ ފެންވަރުގައި ފޯރުކޮށްދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުން އިސްނަގައިގެން މަސައްކަތްކުރުން. މިގޮތުން، މި ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު ގަވާއިދުން މޮނިޓަރކޮށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން.

ތަޢުލީމީ ކުރިމަގު: ރަށުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްކޫލްގެ ހާލަތާއި ކިޔަވައިދިނުމުގެ ކަންކަން ކައުންސިލުން ގާތުން ބަލައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ސްކޫލް ތަޢުލީމު ނިންމާ ދަރިވަރުންނަކީ މުސްތަގުބަލާ މެދު އުންމީދީ، އަމާޒެއް އޮތް ބަޔަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުގެ ފަންނުވެރިން މެދުވެރިކޮށް "ކެރިއަރ ގައިޑެންސް" ޕްރޮގްރާމްތައް ހިންގައި، މަތީ ތަޢުލީމާއި ވަޒީފާގެ ދާއިރާތަކުން ކުރިއަށްދާނެ ރަނގަޅު މަގު ދަރިވަރުންނަށް ދައްކައިދިނުން.

ތައުލީމަށް އިސް އަޚައްމިޔަތުކަން، "ލައިބްރަރީ" އަދި "ލާރނިންގ ސެންޓަރ": އިލްމު އުނގެނުމަށް ބާރުއެޅުމުގެ ގޮތުން، ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ޒަމާނީ ކޮމްޕިއުޓަރު ސިސްޓަމްތަކާ،ހިތްގައިމު މާހައުލަކާއެކު ރަނގަޅު ފެންވަރުގެ ލައިބްރަރީއެއް/ސެލްފް ލާނިންގް ސެންޓަރ އެއް ގާއިމްކުރުން.

ރަށުގެ ތަޢުލީމީ ފަންޑު :ރަށަށް ބޭނުންވާ ފަންނީ ދާއިރާތަކުން )މިސާލަކަށް ޑޮކްޓަރުން، އިންޖިނިއަރުން(މީހުން ބިނާކުރުމަށްޓަކައި، ކައުންސިލްގެ އާމްދަނީން ނުވަތަ ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއި އެކުގައި ރަށުގެދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ނުވަތަ ލޯނު އެހީ ދޭނެ ނިޒާމެއް ގާއިމްކުރުން.

" ކާމިޔާބީގެ ފާރު":ރަށުން އެކި ދާއިރާތަކުން މަތީ ތައުލީމުގެ ރަން ވަނަތައް ހާސިލްކުރާ ކުދިންނާއި، މަސައްކަތާއި ކުޅިވަރު އަދި އެހެނިހެން ރޮނގުރޮނގުން ރަންވަނަތައް ހޯދާ މީހުންގެ ފޮޓޯއާއި ތަފްސީލު ފެންނާނެހެން ރަށުގެ މައި ސަރަހައްދެއްގައި "ވޯލް އޮފް އޮނަރ" އެއް ބިނާކުރުން.


ކައުންސިލްގެ ހިންގުން: ދެފުއްފެންނަ ނިޒާމެއް

އަމާޒު: ކައުންސިލަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ، ރައްޔިތުން އިތުބާރުކުރާ އިދާރާއަކަށް ހެދުން.

ސްމާޓް އައިލެންޑް: ކައުންސިލުން ދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ހުށައެޅޭނެ ނިޒާމެއް ތައާރަފްކުރުމާއި، ކޮންމެ ޚިދުމަތަކަށް ނަގާނެ ވަގުތު އެނގޭނެ "ސާވިސް ޗާޓަރ" އެއް އާންމުކުރުން.

"އޯޕަން ކައުންސިލް" ޓައުން ހޯލް ބައްދަލުވުންތައް: ރައްޔިތުން ކައުންސިލަށް އޮންނަ އިތުބާރު އިތުރުކުރުމަށް ކޮންމެ ތިންމަހުން އެއްފަހަރު ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކައުންސިލުން ކުރާ މަސައްކަތްތައް ކިޔައިދީ، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭ ސެޝަންތަކެއް ބޭއްވުން.

ރައްޔިތުންގެ ބައިވެރިވުން: ރަށުގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ސަގާފަތެއް ގާއިމްކުރުން.

ދެފުއްފެންނަ ހިންގުން: މަޝްރޫޢުތަކާއި މާލީ ހިސާބުތައް ހާމަކުރުމާއި، ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުން.

ކޮމެންޓްސް (0)

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!