ހިރިލަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް މިފަހަރު ސުލީ
ތ. ހިރިލަންދޫ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ސުލްތާނާ އާދަމް (ސުލީ) އަކީ ރަށުގެ ތަރައްގީއަށްޓަކައި ތަފާތު ވިސްނުންތަކެއް ގެންގުޅުއްވާ ކެނޑިޑޭޓެކެވެ. ސުލީ ހާމަކުރެއްވި ގޮތުގައި އޭނާ ބޭނުންވަނީ ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދީ، ރަށް ތަރައްގީ ކުރުމަށް ފުރިހަމައަށް މަސައްކަތް ކުރުމެވެ.
އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޚާއްސަ އިސްކަމެއް
ރަށުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ސުލީ ވަކިން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރަށެއްގެ ހަގީގީ ކުރިއެރުން ގުޅިފައިވަނީ އެ ރަށެއްގެ ރައްޔިތުންގެ ކުރިއެރުމާއެވެ. "އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާނެ، ތަނެއް ތަރައްގީ ވާނީ އަޅުގަނޑުމެން ތަރައްގީވެގެން. އުނގެނުމާ ދަސްކުރުމަކީ ހުއްޓާލައިގެން ވާނެ ކަމެއްނޫން،" ސުލީ ވިދާޅުވިއެވެ.

ސުލްތާނާ އާދަމް ސެޝަނެއް ނަގައިދެނީ
ހުރިހާ ރައްޔިތުންގެ މެންބަރެއް: އޮޅުންތަކަށް ސާފު ޖަވާބެއް
ކެމްޕޭންގެ ތެރެއިން ބައެއް ފަރާތްތަކަށް އަރާފައިވާ އޮޅުންތަކަށް ސާފު ޖަވާބެއް ދެއްވަމުން ސުލީ ވިދާޅުވީ، އޭނާ އަންހެން މެންބަރު ކަމަށް ކުރިމަތިލީ ނަމަވެސް، އޭނާގެ ފޯކަސް ހުރީ ހަމައެކަނި އަންހެނުންނަށް ނޫން ކަމަށެވެ. ސުލީގެ އަމާޒަކީ މުޅި ކައުންސިލާ ގުޅިގެން، ވަކި ޖިންސެއް ނުވަތަ އުމުރެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމެވެ. މީގެ އިތުރުން ރައްޔިތުންގެ ހައްގުތަކަށް ފުރިހަމައަށް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

ސުލީގެ މެނިފެސްޓޯގެ ތެރެއިން
އިޚުލާސްތެރިކަމާއެކު ރައްޔިތުންގެ ޚިދުމަތުގައި
ސުލީ ވިދާޅުވީ އޭނާއަކީ އެއްވެސް ބޭފުޅަކާ ދޭތެރޭ ހިތްބުރަކަމެއް ގެންގުޅޭނެ މީހެއް ނޫން ކަމަށާއި، ރައްޔިތުންދޭ ކޮންމެ ޚިޔާލަކާއި ފާޑުކިޔުމެއް ބަލައިގަތުމުގެ ހިތްތިރިކަން އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ. "އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނަން. ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައިފިނަމަ، އަމަލީ ގޮތުން ރަށަށް ތަފާތު ދައްކައިދޭނަން،" ސުލީ ވިދާޅުވިއެވެ.
އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންނަށް ކާމިޔާބީއަށް އެދެމުން، ސުލީ ވަނީ ހިރިލަންދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން އޭނާއަށް ވޯޓު ދެއްވުމަށް ވަރަށް އިޚުލާސްތެރިކަމާއެކު އެދިވަޑައިގެންފައެވެ.
ކޮމެންޓްސް (0)
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!